تنبيه عن ترجمة القرآن - ގުރްއާން ތަރުޖަމާއާ ބެހޭ ނޯޓެއް
މި ތަރުޖަމާއަކީ އަހްލުއް ސުންނާ ވަލް ޖަމާޢާގެ އަގީދާއާއި ސަލަފުންގެ މަންހަޖާ އެއްގޮތަށް ޚާއްސަ ކުރެވިފައިވާ ތަރުޖަމާއެކެވެ. އަދި ބިދުޢަތަކާއި ޚުރާފާތްތަކާއި ސަލަފުންނާ ޚިލާފުވާ އެންމެހާ ފިރުގާތަކުން އެއްކިބާވެގެންވާ ތަރުޖަމާއެކެވެ. މި ތަރުޖަމާ ނެރެން ޖެހުނު މައިގަނޑު ސަބަބަކީ، މީގެ ކުރިން ވެބްސައިޓުތަކާއި އެޕްލިކޭޝަންތަކުން ލިބެން ހުރި ހަމައެކަނި ދިވެހި ގުރްއާން ތަރުޖަމާގައި، ސުންނަތް ޖަމާއަތާ ޚިލާފު އަގީދާއެއް ކަމަށްވާ އަޝްޢަރީ ފިކުރާ އެއްގޮތަށް، ﷲ ގެ ސިފަފުޅުތަކުގެ މާނަ ބަދަލުކޮށްފައި ވާތީއެވެ. ދެން އެ މައްސަލައަށް ހައްލެއް ނުލިބި އެތަކެއް އަހަރުތަކެއްވީ ފަހުން، މިހާރު މި ތަރުޖަމާގައި އެ ކަންތައް ވަނީ ހައްލު ކުރެވިފައެވެ. އޭގެ އިތުރުން ދިވެހިންނަށް ކިޔަން ފަސޭހަ ކުރުމަށްޓަކައި، އަރަބި ލަފްޒުތައް ތާނަކޮށް، ބަހުގެ އެހެނިހެން އިސްލާހުތައް ވާނީ ގެނެސްފައެވެ. وَلِلَّهِ الحَمدُ.
ނައްސުތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގައި، ބައެއް ދިވެހިންނަށް އެކިކަހަލަ އުނދަގުލާ ކުރިމަތިލާން ޖެހެއެވެ. މި މައްސަލަ ދީނީ ލިޔުންތަކުގައި އާންމުވެގެން ވެއެވެ. އަދި ސިފަފުޅުތަކުގައި ޚާއްސަވެގެން ވެއެވެ. އެއީ ބަހުގެ މުއްސަނދިކަމާއި، މާތްކުރުމާއި ދަރަޖަ ކުރުމާ ގުޅުން ހުރި ކަންކަމެވެ. އޭގެ ސަބަބުން ނައްސުތައް މާނަ ކުރުމާއި، އަގީދާ ކިޔައިދިނުމުގައި ނޭދެވޭ އަސަރުތަކެއް ވަނީ ކޮށްފައެވެ.
ބައެއް ފަރާތްތަކަށް، ބަހެއްގެ މާނަ ދަރަޖައާ ނުގުޅޭ ކަމަށް ހީވާ ނަމަ، އޭގެ މާނަ ބަދަލުކޮށް ތައުވީލު އެބަ ކުރެއެވެ. އެ ފަރާތްތައް ބުނާ ގޮތުގައި، އަތްޕުޅު އެއީ ގުދުރަތެވެ. ވަޑައިގަތުން އެއީ ހާޒިރުވެވޮޑިގަތުން ނުވަތަ އަމުރުފުޅު އައުމެވެ. ވަޖްހުފުޅު އެއީ ޒާތުފުޅު ނުވަތަ ވޮޑިގެންވުމެވެ. ކަށިމަތިފުޅު ފާޅުކުރެއްވުން އެއީ ކަންތައްބޮޑުވުމެވެ. ނަފްސުފުޅު އެއީ އިރާދަފުޅެވެ. ސީދާ ވާހަކަފުޅުން ވާހަކަފުޅުދެއްކެވުން އެއީ މެދުވެރިއެއް ނެތި ވަހީ ބާވައިލެއްވުމެވެ. އަރަހުށިވެ އެންމެ މަތީގައި ވޮޑިގެންވުން އެއީ ގަދަރާއި މާތްކަން މަތިވެރިވުމެވެ. ކޯފާވެވޮޑިގަތުން އެއީ އަޒާބު ފޮނުއްވުމެވެ. އިލްމުފުޅާއި އެހީއައިގެން އަޅުންނާއެކީ ވުން އެއީ އެތާ އަދި ހުރިހާތާކުވެސް ވޮޑިގެންވެ ވުޖޫދުގައިވުމެވެ. އަދި ގިޔާމަތް ދުވަހު ﷲ އަޅުންނަށް ނުބެއްލެވުމާއި ވާހަކަފުޅު ނުދެއްކެވުން އެއީ ރަހުމަތުގެ ބެއްލެވުމާއި ރަހުމަތުގެ ބަސް ވަހީ ނުކުރެއްވުމެވެ.
އަދި އަނެއްބައި ފަހަރު، ބަހެއްގެ މާނަ ބުނެދޭން އުނދަގޫކަމަށް ހީވާ ނަމަ، އަރަބި ލަފްޒު އިން ގޮތަށް ގެނެސް، މާނަ ނޭނގޭނެ ކަމަށް ބުނެ ތަފްވީޟު އެބަ ކުރެއެވެ. މިސާލަކަށް ތަޖައްލީވެވޮޑިގަތުމާއި އިސްތިވާވެވޮޑިގަތުމެވެ. ކިޔުންތެރިޔާއަށް އެއްޗެއް ދޭހަ ނުވިޔަސް، ހަމައެކަނި އަރަބި ބަސް ލިޔެލާފައި އެބަ ފުއްދާލައެވެ. ދަންނާށެވެ. ތަޖައްލީވެވޮޑިގަތުމުގެ މާނައަކީ ފާޅުވެވޮޑިގަތުމެވެ. އަދި އިސްތަވާގެ މާނަތަކުގެ ތެރޭގައި މަތީގައިވޮޑިގަތުމާއި، އަރައިވޮޑިގަތުމާއި، އިށީނދެވޮޑިގަތުމާއި، އިސްތިގްރާރުވެވޮޑީގަތުން ހިމެނެއެވެ. ﷲ އިސްތަވާވެ އަރައިވޮޑިގެންވާނީ އެ އިލާހުގެ މާތްކަމާއި މަތިވެރިކަމާ އެކަށީގެންވާ ގޮތަކަށެވެ. އެ ގޮތެއް އަހަރުމެންނަކަށް ނޭނގޭނެވެ. އެ ގޮތަކީ ކޮބައިތޯ ސުވާލެއްވެސް ނުކުރެވޭނެއެވެ. ނަމަވެސް ބަހުގެ މާނަ އެބަ އެނގެއެވެ. އަދި ހަގީގަތުގައިވެސް ﷲ އިސްތަވާވެ އަރައިވޮޑިގެންވާކަމަށް އީމާން ވުމަކީ ވާޖިބެކެވެ.
މި ބަޔާންކޮށްދިނީ ކޮންމެ ޒަމާނެއްގައި، ކޮންމެ މީހަކު ލިޔުނަސް، އެއްވެސް ތަރުޖަމާއެއް ނުވަތަ ތަފްސީރެއް މީގެ ކުރިންވެސް އަދި ފަހުންވެސް ފެނިއްޖެ ނަމަ، އޭގައި ހުރީ ސުންނަތް ޖަމާޢަތުގެ އަގީދާތޯ ނޫވަތަ އެއާ ޚިލާފު ބައިގަނޑެއްގެ ފިކުރެއްތޯ ދެނެގަނެވޭނެ ގޮތެވެ. އެހެންކަމުން މި މައްސަލައަށް ސަމާލުވެ ހުށިޔާރުވުން ހުއްޓެވެ. ގުރްއާނުގެ ތަރުޖަމާގެ އިތުރުން، ޙަދީޘާއި އެ ނޫންވެސް ދީނީ ލިޔުންތަކުގައި މި ކަންކަން ރަނގަޅަށް ބަލަންޖެހޭނެއެވެ.
ބައެއް މީހުންނަށް، ކުރިން މި ދެންނެވި ތައުވީލުތަކާއި ތަފްވީޟުތައް ކޮށްގެން ނޫން ގޮތަކަށް ތަރުޖަމާ ކުރެވޭ ކަމަކަށް ނުވެއެވެ. އަގީދާއާ ޚިލާފުވިޔަސް ވަރިހަމައެވެ. އެހެން ނޫނީ އެ މާނަ ކުރި ބަހެއްގައި އާންމުން އަޅައިގަނެ، ބީރައްޓެހިކަން އިހުސާސްވެ، ކިޔަން ބުރަވެ، އަޑުއަހަން އުނދަގޫވެ، އެ ބުނެވެނީ ފާފަވެރި އެއްޗެއް ކަމަށް ހީވާ ހިސާބަށް އެބަ ދެއެވެ.
އެންމެ ފަހުން އާޚިރުގައި، އިހަކަށް ދުވަހު އުޅުނު ކާބަފައިން ކަންކަން ކުރަމުން އައި ގޮތް، ނުވަތަ ދީނީ ކަންކަމުގައި ބަލައިގަނެވޭ ފަހުގެ ބަޔަކު ބުނި ގޮތަށް ވުރެ ރަނގަޅު ގޮތެއް އެ މީހަކަށް ނުފެނުނީމާ، އެންމެންވެސް ކަން ކުރަމުން އައި ގޮތާއެކު ކުރިއަށް ދިޔުން ނޫން ހައްލެއް ފެންނަ ކަމުގައެއް ނުވިއެވެ.
އެބައިމީހުންގެ ހުރިހާވެސް އުޒުރަކީ ޒަމާނާއި، ތަގްލީދުކުރަން ޖެހުމާއި، ނުކުޅެދުންތެރިވުމާއި، އަޑު އަހަން އުނދަގޫވުމެވެ. އެ ކަންތައް ’ހުއްޖަތެއް‘ ގެ ގޮތުގައި ނަގައި، އޭގެ މައްޗަށް މުހިއްމު ދީނީ ނައްސުތަށް އެ މީހުންނަށް މާނަ ކުރެވެން ހުރި އެންމެ ފަސޭހަ ގޮތަކަށް މާނަކޮށް ނުވަތަ މާނަ ނުކޮށް ވިޔަސްވެސް ނިންމާލައެވެ. މާނަ ސައްހަވުމެއް އަދި އަގީދާ ރަނގަޅުވުމެއް އެހާ އިސްކަމެއް ނުދެވެއެވެ. ތަސައްވަރު އޮޅިފައިވާ ހިސާބަކީ މިއީއެވެ. ދިވެހި ބަހުން ފިއްޔެއް ނުވަތަ ތިއްކެއް ނުބައިވެއްޖެއްޔާ އެ ކަންތައް ނަގާ ވަރަށް ބޮޑުކޮށްލެވެއެވެ. އަދި އެ އިސްލާހު ކުރަން ވެސް ވަރަށް އަވަސްވެގަނެވެއެވެ. ނަމަވެސް ހެއްދެވި ފަރާތުގެ ސިފަފުޅުތަކާ ބެހޭ ގޮތުން ލިޔާއިރު، އެ އަހައްމިޔަތާއި ރަނގަޅުކުރުމުގެ ބައެއް ނޯވެއެވެ. ބަޔަކު ވާހަކަ ދައްކާ އުޅޭ ބަހެއްގައި ހަދާފައިވާ ދަރަޖަތަކާއި ގަދަރުކުރުންތަކަށް ރިއާޔަތް ނުކުރެވެންޏާ، ބައެއް މީހުންގެ ކަންފަތައް ވަރަށް ފާފަވެރި އެއްޗެއް އިވިގެން އުޅޭހެން ހީވެއެވެ. ނަމަވެސް އެ ބަޔަކާއި، އެ ބަޔެއްގެ ބަހާއި، މުޅި ކާއިނާތުގެ ވެރި ރައްބު، އެ އިލާހުގެ އަމިއްލަ ނަފްސުފުޅަށް ސާބިތު ކުރައްވާފައިވާ ސިފަފުޅުތައް އޮޅުވާލާ ނަފީ ކުރުން މައްސަލައަކަށް ނުވެއެވެ. مَا قَدَرُوا اللَّهَ حَقَّ قَدْرِهِ.
ބަހަށް ރިއާޔަތް ކުރުން އެއީ ނެތް ކަމެއް ނޫނެވެ. ނަމަވެސް އޭގައި ހިފިހިފީނުން ގޮސް ދީނަށް ރިއާޔަތް ކުރަން ޖެހޭ ހައްގު މިންވަރަށް ރިއާޔަތް ނުކުރެވެންޏާ އެއީ މައްސަލައެކެވެ. އެހެނީ ތައުވީލާއި ތަފްވީޟާ ދުރުވެ، ވީވަރަކުން ރަނގަޅު މާނައާ ގާތް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ. ހިތާމައަކީ ބަޔަކަށް ނޭނގި ނަމަވެސް، ސައްހަ އަގީދާގެ މައްޗަށް ބުއްދިއާއި އިހްސާސްތައް އިސްކުރެވޭ ކަމެވެ.
ދަންނާށެވެ. ބުއްދި ފައްތަން ޖެހޭނީ ދީނަށެވެ. ދީން ބުއްދިއަށް ފައްތައިގެން ނުވާނެއެވެ. މާތްކޮށް މަތިވެރިކުރުން ވަނީ ނައްސުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ހެއްދެވި ފަރާތުން އެންގެވި ގޮތަށް ގަދަރުކުރުމުގެ ބަދަލުގައި، އަމިއްލައަށް ހަދައިގެން އުޅޭ ގަދަރު އިސްކުރެވޭ ނަމަ، އެއީ ހަގީގަތުގައި ގަދަރުކުރުން ކަމަކަށް ނުވާނެއެވެ. އެ ކުރަންޖެހޭ ގަދަރުނުކޮށް، މީހުންނަށް ފެންނަހާ ގޮތަކަށް، ކުރެވޭ އިހުސާސްތަކަށް ބަސް ބުނާނަމަ، އެ ހިސާބުން ސާބިތުކޮށް އައިސްފައިވާ ސިފަފުޅުތައް ނަފީ ކުރުން ނުވަތަ އޭގެ މާނަ އޮޅުވާލުން ވަރަށް ފަސޭހަ ކަމަކަށް ވެގެންދާނެއެވެ. އަދި މިއީ ހަމަ ޖަހްމު ބިން ޞަފްވާން ކުރި ކަންތައް ނޫނީ ދެން ފަހެ ކޮން ކަމެއްހެއްޔެވެ؟ ނުސީދާކޮށް ނަމަވެސް އެ ދެވެނީ ’އުޑުގައި ރައްބެއް ނުވެއޭ‘ ނުވަތަ ’ސިފައެއް ނުވާ ރައްބެކޭ‘ މި ބަހާ ދިމާލަށެވެ. އަދި ސިފައެއް ނުވުމަކީ ވުޖޫދުގައި ނުވުމެވެ. وَاللَّهُ المُستَعَانُ وَعَلَيهِ التُّكلَانُ.
ރެފަރެންސަކަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާގެ ޕީޑީއެފް.
(ނޯޓު: އަޝްޢަރީ އަގީދާއަކީ ބާތިލު އެއްޗެއްކަން ބަޔާން ނުކޮށް، އެ ހިމެނޭ ލިޔުންތައް މުސްލިމުންނަށް ފެތުރުން ހުއްދަވެގެން ނުވެއެވެ. އެފަދައިން ކަން ކުރާ ކޮންމެ މީހަކު ފާފަވެރިވާނެއެވެ. އަދި އަރަބި ނޭނގުން ނުވަތަ ދީން ކިޔަވާފައި ނުވުމަކީ އުޒުރެއް ނޫނެވެ.)
މުސްހަފުގެ ފްރޭމް އަދި އަރަބި ތާނަކުރާ ސްކްރިޕްޓް ހެދީ ޙައްސާން ޢަބްދުއްރައްޒާޤް. جَزَاهُ اللَّهُ خَيرًا.
ސާރޗު ކުރުމަށް ފަހު އެ އާޔަތެއް ހުރި ތަނަށް ދިޔުމަށް، ދައްކާ ނަތީޖާގައި ދެ ފަހަރު ފިތާލާށެވެ.
އެހެން ތަރުޖަމާއަކަށް ބަދަލު ކުރުމަށް، މެނިއޫއަށް ގޮސް އެހެން ތަރުޖަމާއެއް ޚިޔާރު ކުރާށެވެ. ހަމަ ކުރިންވެސް ކިޔަން ހުރި އާޔަތަށް ދެވޭނެއެވެ.
ފޯނުގައި ކުރީ ނުވަތަ ފަހަތް އާޔަތަށް ދިޔުމަށް، ކަނާތާއި ވާތަށް ސްވައިޕް ކުރާށެވެ. އަދި ޑެސްކްޓޮޕްގައި އެހެން ހެދުމަށް، އެއް ފަހަރު އާޔަތަކަށް ކްލިކް ކުރުމަށް ފަހު، ދެން ކީބޯޑުގައި މައްޗަށް އަދި ތިރި އެރޯ ކީއަށް ފިތާލާށެވެ. އަދި ކޮޕީ ކުރުމަށް ކޮޕީ ބަޓަންއަށް ފިތާލާށެވެ.
މި ސަފުހާގައިވާ އާޔަތްތައް ކޮޕީކުރުމަށް ފަހު، ޑެސްކްޓޮޕް ވޯޑުގައި ރީތިކޮށް ދެއްކުމަށްޓަކައި، އުޘްމާން ޠާހާ ފޮންޓު ބޭނުން ކުރެވިދާނެއެވެ.
ޑެސްކްޓޮޕްގައި އޮފްލައިންކޮށް މި ސަފުހާ ބޭނުންކުރަން އެދޭނަމަ، ބްރައުސާގައި ހުންނަވާއިރު ކީބޯޑުގައި ctrl+s އަށް ފިތާލުމަށްފަހު، ކޮމްޕްލީޓް ވެބްޕޭޖް html. ފައިލެއްހެން ސޭވްކޮށްގެން ބޭނުން ކުރެވިދާނެއެވެ. އޭގެ ފަހުން އަދާހަމަކުރަން އެދޭނަމަ އަލުން އެގޮތަށް ސޭވް ކުރާނީއެވެ.